އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް، މާޒީ، ލ. މާވަށް، އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ޢަބްދުލްޢަޒީޒު އެ މަގާމަށް އައްޔަންކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، މިހާރު އެ މަޤާމުގައި ހުންނެވި ހ. ގުރުވަ، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ފަރާތްތަކުން ކުރިމަތިލެއްވި ނަމަވެސް، މަޖިލީހަށް ރައީސް ފޮނުއްވީ ހަމައެކަނި އަޒީޒުގެ ނަންފުޅެވެ.
ރައީސް ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، ޢަބްދުލްޢަޒީޒާ މެދު އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން ވަނީ ހަ ގަޑިއިރުގެ ފުރުޞަތެއް ހުޅުވާލާފައެވެ. އެއަށްފަހު ކޮމިޓީން ވަނީ އޭނާއާ އިންޓަވިއުކޮށްފައެވެ.
އިންޓަވިއުގައި ވާހަކަދައްކަވަމުން ޢަބްދުލްޢަޒީޒް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތުގައި އޭނާ ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ކުރިން އެ މަގާމުގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރެއްވީ "ޤާނޫނުގެ ނިޔަތާ އެއްގޮތަށް" ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި، އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށެވެ.
އިންޓަވިއުއަށް ފަހު ކޮމިޓީގެ މެންބަރުންގެ މާކްސްތަކާ އެކު އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ވެރިކަން ކުރާ ޕީއެންސީގެ ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަޙްމަދު ނަސީމް އެކަންޏެވެ.
ޢަބްދުލްޢަޒީޒަކީ އާރްޓީއައި ޤާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އައްޔަންކުރެވުނު އިންފޮމޭޝަން ކޮމިޝަނަރެވެ. އެމަނިކުފާނު ވަނީ 2014 އިން 2019 އަށް އެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމުގައި ވެސް ޢަބްދުލްޢަޒީޒް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޢަބްދުލްޢަޒީޒް މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖުގެ މަޤާމުގައެވެ.



