ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި މިހާރު ހުންނެވި ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން، ރާއްޖޭން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ޖަލްސާގައި މި މައްސަލަ އިއްވެވުމަށްފަހު، ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ނިންމާފައިވަނީ ޖަމީލާއަށް ރުހުން ދިނުމަށެވެ.
ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުން ވަނީ އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ފާސްކޮށްފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި އިރުތިޝާމް އާދަމް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ. އިރުތިޝާމް ވަނީ 2024 ޑިސެމްބަރުން ފެށިގެން 2026 އެޕްރީލް 14 ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ސަފީރުކަމުގެ ޚިދުމަތް ކުރައްވާފައެވެ.
ސަފީރުކަމަށް ޢައްޔަންކުރަން ފާސްކުރި ޖަމީލާ ޢަލީ ޚާލިދަކީ ދައުލަތުގެ ތަފާތު މުހިންމު ދާއިރާތަކެއްގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން މީޑިއާގެ ދާއިރާގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.



