ޑައިވިންގ ހާދިސާތަކާއި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި "ޕޯޓަބަލް ހައިޕަރބެރިކް ޓްރާންސްޕޯޓް ޔުނިޓެއް" މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ހަދިޔާކޮށްފިއެވެ.
މި ޔުނިޓަކީ "ހައިޕަބެރިކްސް ޔޫރަޕް" އިން އެމްއެންޑީއެފްއަށް ދިން ދީލަތި އެހީއެކެވެ. އިންޓަގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިންގ ހާދިސާތަކުގައި އަނިޔާވާ މީހުންނާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލާއިރު ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނަ ރާއްޖޭގައި ސިފައިން ހިންގާ ކުއްލި އިމަޖެންސީ އޮޕަރޭޝަންތަކަށް މި ވަސީލަތުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.



