މާލެ، މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށާއި، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ބަޔަކަށްވެސް އޭނާ ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުން ދީފައިވާ ކަމަށެވެ.
މި މާރާމާރީގެ ތެރޭގައި އެ ރެސްޓޯރެންޓުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން، އޭނާގެ ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



