އާދިއްތަ, October 11
ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅުނު ތާރީޚީ ފިޔަވަޅެއް: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން - ފޮޓޯ: އޭސީސީ

ސަރުކާރުގެ ފަރާތުން "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތުގައި އެޅުނު ތާރީޚީ އަދި މުހިންމު ފިޔަވަޅެއް ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިލު ޤާނޫނަކަށް ވުމުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި އެކި ކުށްތައް ކޮށްގެން ހޯދާ ނުޙައްޤު މަންފާތައް އަނބުރާ ދައުލަތަށް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންގެ އަތްމަތީގައި ދެމިއޮތުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް މި ބިލުގެ ސަބަބުން ޤާއިމުވެގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މީގެއިތުރުން، އަންނަން އޮތް ޖީލުތަކަށްޓަކައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް، ސަރުކާރުން އެޅުއްވި މި ފިޔަވަޅުގެ ސަބަބުން އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގައި އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގައި އެ ކޮމިޝަން އަބަދުވެސް ދެމިއޮންނާނެއެވެ.

އެ ކޮމިޝަނުން އެދެނީ، ރައްޔިތުންގެ މަޖިލީހުން މި ބިލު ފަންނީގޮތުން އެންމެ ފުރިހަމަކޮށް އަދި ވީ އެންމެ އަވަހަކަށް ފާސްކޮށް، ޢަމަލީ ގޮތުން ތަންފީޒުވާން ފެށުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު