އާދިއްތަ, October 11
އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

4 ފެބުރުވަރީ 2022: އެމްޓީސީސީ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ދަށުން ހދ. ކުޅުދުއްފުށީގައި ބޭއްވި އޯޕަން ޑޭގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މިއީ ތަޢުލީމާއި ޢަމަލީ ތަޖުރިބާގެ އިތުރުން، ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާޙައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުޞަތު ހުޅުވާލެވިފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު -/8,000 (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

  • މެރިން މެކޭނިކް ޓްރެއިނީ (8 ފުރުޞަތު)
  • މެކޭނިކް ޓްރެއިނީ (5 ފުރުޞަތު)
  • ވެލްޑަރ ޓްރެއިނީ (4 ފުރުޞަތު)
  • ޓިންކަރ ޓްރެއިނީ (5 ފުރުޞަތު)
  • ފައިބަރގްލާސް ޓެކްނީޝަން ޓްރެއިނީ (4 ފުރުޞަތު)
  • އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ (4 ފުރުޞަތު)
  • އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ (2 ފުރުޞަތު)
  • އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުޞަތު)
  • އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުޞަތު)
  • މެޝިނިސްޓް ޓްރެއިނީ (2 ފުރުޞަތު)
  • އޭސީ ޓެކްނީޝަން ޓްރެއިނީ (22 ފުރުޞަތު)
  • ބަސް ޑްރައިވަރު ޓްރެއިނީ (15 ފުރުޞަތު)
  • ޓެކްސީ ޑްރައިވަރު ޓްރެއިނީ (20 ފުރުޞަތު)
  • ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ (11 ފުރުޞަތު)

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާގެ އިތުރުން، ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ މެންޓަރޝިޕް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ، އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި، ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ޚާއްޞަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު 26 އޮގަސްޓު 2026 އިން ފެށިގެން 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓުގައިވާ ކެރިއަރ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކުންފުނިން ދަޢުވަތު އަރުވައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މައިގަނޑު ޢަޒުމަކީ، މިފަދަ ފުރުޞަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުން ކަމަށެވެ. އަދި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކި، މިފަދަ އަގުހުރި ފުރުޞަތުތައް މުޖްތަމަޢަށް ފަހިކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށް ވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު