"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން އެއްވެސް މައްސަލައެއް ނުވަތަ މައުލޫމާތެއްގެ ފުށުއެރުމެއް ފާހަގަވެއްޖެނަމަ، އެކަމަށް ޖަވާބުދާރީވެ އިތުރު ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން އާންމުކުރި އިއުލާނެއްގައިވާ ގޮތުން، އެޕްލިކޭޝަނާ ގުޅޭގޮތުން ފާހަގަކުރެވޭ މައްސަލަތައް "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެއެވެ. އަދި ޕޯޓަލްއަށް އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެއެވެ. މިނިސްޓްރީން ދީފައިވާ ނޯޓިސްއަށް އިޢުތިރާޒުކުރާނަމަ، ކަލަންޑަރު ހަތް ދުވަހުގެ ތެރޭގައި ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ތަފުސީލާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. ސިޓީ، އީމެއިލް ނުވަތަ އެހެން ވަސީލަތަކުން ހުށަހަޅާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ނުދީފިނަމަ އެ ފޯމެއް ބާތިލުވާނެ ކަމަށްވެސް އަންގާފައިވެއެވެ.
މި ސްކީމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ޖުމުލަ 58,505 ފޯމު އެއީ 35,930 ފްލެޓް ފޯމާއި އަދި 22,575 ގޯތި ފޯމު ވަނީ ހުށަހަޅާފައެވެ. މި ސަރުކާރުގެ އަމާޒަކީ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އިއުލާނުކުރުމެވެ.



