ފަލާޙް ޕްރީސްކޫލްގެ 50 އަހަރުގެ ރަންޔޫބީލް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގެ އައު ވެބްސައިޓް އިފްތިތާޙުކޮށްދެއްވައި، 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ އަދި ރަންޔޫބީލް ލޯގޯ ފަރުމާކުރި ފަރާތަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. އެ މަނިކުފާނުގެ ޝަރަފުގައި، ސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރު ވަނީ ރައީސަށް ރަންޔޫބީލްގެ ހަނދާނީ ފިލައެއް އަރުވާފައެވެ.
ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ސްކޫލުގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވި މި ޖަލްސާއަކީ އެ މުއައްސަސާގެ ދިގު ތާރީޚު ފާހަގަކުރެވުނު މުހިންމު ހަފުލާއެކެވެ. ޖަމިއްޔަތުލް ފަލާޙުން 1976 ގައި 'މަދްރަސަތުލް ފަލާޙް' ގެ ނަމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރަން ފެށި މި ތަން، ތުއްތުކުދިންގެ ތަޢުލީމަށް ޚާއްޞަކޮށް 'ފަލާޙް ޕްރީސްކޫލް' ގެ ނަމަށް ބަދަލުކުރީ 2001 ވަނަ އަހަރުއެވެ.



