Tuesday, October 13
ޓެލެގްރާމް ސްކޭމެއްގައި 92,000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓެލެގްރާމް ސްކޭމެއްގައި 92,000 ރުފިޔާ އަތުލި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން/ ފޮޓޯ- މޯލްޑިވްސް ޕޮލީސް ސާވީސް

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމާ ގުޅިގެން މަކަރާއި ހީލަތުން އެކައުންޓަކުން 92,000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތާއި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައިފައެވެ.

ކޯޓު އަމުރެއްގެ ދަށުން އޮގަސްޓު 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް، މުޙައްމަދު ފަޒީލް (23އ) އާއި، ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަދެވުމަށާއި، އޯޓީޕީ ކޯޑުގެ އިތުރުން ޒާތީ އަދި ބޭންކިންގ ތަފުސީލުތައް އެހެން މީހުންނާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އޮންލައިންކޮށް ވިޔަފާރިއާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު