ޑިޖިޓަލް ފޯރ އޯލް ޤައުމީ ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ އާއި މައިންޑްކޯއާ ދެމެދު ތިން އަހަރު ދުވަހުގެ މުއްދަތަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީއެސްއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ސޮއިކުރެއްވިއިރު، މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރެވެ.
މި އެއްބަސްވުމުގެ ދަށުން ޑިޖިޓަލް ފޯރ އޯލް ކެމްޕޭނުގެ ރަސްމީ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެހިގެންދާއިރު، ޓީވީ، ރޭޑިއޯ އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކެމްޕޭނާ ގުޅޭ ޚަބަރާއި، އިންޓަވިއުއާއި، ހޭލުންތެރިކުރުވުމުގެ މަޢުލޫމާތާއި ޕްރޮގްރާމްތައް ގެނެސްދޭނީ ޕީއެސްއެމްއިންނެވެ. މައިންޑްކޯގެ އެމްޑީ ސައީދާ އުމަރު ވިދާޅުވި ގޮތުގައި، މި ކެމްޕޭނަކީ ސަރުކާރުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އަމާޒަށް ދިއުމަށް ޖުލައިމަހު އިފްތިތާޙުކުރި ކެމްޕޭނެކެވެ. އަދި އެކި އަތޮޅުތަކުގެ އަށް އޯޑިއަންސްއަކަށް ޓާގެޓްކޮށްގެން ހިންގާ ތަމްރީނުތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމްއިން ބޮޑު ދައުރެއް އަދާކުރާނެއެވެ.
ޕީއެސްއެމްގެ އެމްޑީ އަޙްމަދު ޝަކީބު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ޑިޖިޓަލައިޒްވަމުންދާއިރު އެންމެންނަށް ޑިޖިޓަލް ލިޓަރަސީ އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޕީއެސްއެމްގެ ނެޓްވޯކް ފޯރާފައިވާތީ، މައިންޑްކޯއާ ގުޅިގެން މުޅި ރާއްޖެއަށް މައުލޫމާތު ފެތުރުމުގައި އެހީތެރިވެ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެންމެންނަކީ ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް ފޯރ އޯލް އަކީ 2026 އިން 2028 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ޑިޖިޓަލް ވަސީލަތްތަކާއި އޭއައި އަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޤައުމީ ކެމްޕޭނެކެވެ. މައިންޑްކޯއިން ފަންނީ މާހިރުންނާއި ތައުލީމީ ސާމާނު ފޯރުކޮށްދީގެން ކުރިއަށްގެންދާ މި ކެމްޕޭނަކީ، އެ ކުންފުނީގެ ފަންނީ ގާބިލުކަމާއި ޕީއެސްއެމްގެ ފުޅާ މީޑިއާ ނެޓްވޯކް ގުޅުވާލައިގެން މުޅި ރާއްޖޭގައި ޑިޖިޓަލް ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



