ސައްހަ ނޫން ފޭކް ޓްރާންސްފާ ސްލިޕްތައް ހަދައިގެން ގެސްޓްހައުސްތަކުގެ ރޫމްތައް ބުކްކުރާ މައްސަލަތަކެއް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް ކ. ހުރާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން ބުނި ގޮތުގައި މި މަހުގެ ތެރޭގައި އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކޮޓަރިތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، މީގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް ފަރާތްތަކުން ފޭކް ސްލިޕް ފޮނުވައިގެން ކޮޓަރި ބުކްކުރާ ކަމުގެ ޝަކުވާ ވަނީ ލިބެން ފަށާފައެވެ.
މިގޮތަށް މަކަރުހަދާ ފަރާތްތަކުން ފޭކް ސްލިޕް ފޮނުވުމަށްފަހު، ބުކިން ކެންސަލްކޮށް ފައިސާ އަނބުރާ ރިފަންޑްގެ ގޮތުގައި ހޯދުމަށް އެދޭ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ފުރިހަމަ ފައިސާ އަނބުރާ ނުދެވޭނެ ކަމަށް ބުނުމުން، އޭގެ ތެރެއިން ބައެއް އަދަދެއް ނަމަވެސް ހޯދައިގެން އޮޅުވާލަން މަސައްކަތްކުރާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިފަދަ މަކަރާއި ހީލަތުން ލިބިދާނެ މާލީ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ކަސްޓަމަރުން ފޮނުވާ ސްލިޕަށް އެކަނި ބަރޯސާނުވެ، ބޭންކް އެކައުންޓަށް ފައިސާ ޖަމާވިކަން ސީދާ ޔަގީންކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކައުންޓަށް ފައިސާ ވަދެފައިވާކަން ޔަގީންނުވަނީސް ބުކިން ކަށަވަރު ނުކުރުމަށާއި، އެއްވެސް ފައިސާއެއް ރިފަންޑްގެ ގޮތުގައި އަނބުރާ ނުދިނުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، މި މައްސަލައިގެ މައުލޫމާތު ރަށުގެ އެހެން ވިޔަފާރިވެރިންނާ ހިއްސާކޮށް، ހުރިހާ ފަރާތްތަކުންވެސް މާލީ މުއާމަލާތްތަކުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ހުރާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.



