ފާއިތުވި ހަފުތާގައިވެސް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަބްސިޑީއަށް ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް 3.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ.
އެހީއާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް ހިމެނޭހެން އެހެނިހެން އެހީތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ، އިދާރީ ހަރަދުތަކަށް 15.0 ބިލިއަން ރުފިޔާ އަދި ދަރަނި އަދާކުރުމަށް 3.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 1.2 ބިލިއަން ރުފިޔާއަށް އަދި ހަރުމުދާ ހޯދުމަށް ކުރި ހަރަދު 451.5 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. ނަމަވެސް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް އަށް ހަރަދުވި 3.6 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ. މީގެ އިތުރުން އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރިއިރު، މުޅި ބަޖެޓުގެ ޖުމްލަ ބެލެންސް އުޅެނީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.



