އާ މާރުކޭޓް ކޮމްޕްލެކްސް އިމާރާތްކުރުމަށްޓަކައި، މިހާރު ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީ ތަނެއް ހަމަޖައްސައި، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ.
މާލޭގެ މައި މާރުކޭޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ހަދާ މާލެ މާރުކޭޓް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ މާޗު މަހު ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ނަމަވެސް، ބިން ހަވާލުކުރުމުގެ މައްސަލަތަކެއްގެ ސަބަބުން މަޝްރޫޢު ފެށުން ވަނީ ލަސްވެފައެވެ. ނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި ބިމުގެ މައްސަލައަށް މިހާރު ވަނީ ހައްލެއް ލިބިފައެވެ. އަދި ވިޔަފާރިވެރިން ވަގުތީ މާރުކޭޓަކަށް ބަދަލުކުރުމަށްޓަކައި ކުރީގެ އެސްޓީއޯ ސަރަހައްދާއި ތައިސޭކޮށި ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މަޝްރޫޢަކީ ދެ އަހަރު ތެރޭގައި ނިންމަންޖެހޭ މަސައްކަތެކެވެ. ހަ ބުރިއަށް އިމާރާތްކުރާ މި މާރުކޭޓުގައި 85,000 އަކަފުޓުގެ ޖާގަ ހުންނާނެއެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންގ އޭރިއާއަކަށް ހާއްސަކުރެވިފައިވާއިރު، ގްރައުންޑް ފްލޯގައި އޮންނާނީ މަސް މާރުކޭޓެވެ. އަދި އިމާރާތުގެ ތިން ބުރިއެއް ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަކުރެވިފައިވާއިރު، ޓެރަސްގައި ފުޑް ކޯޓެއް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، މި އިމާރާތުގައި ފަސް ލިފްޓާއި، ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.



