ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރަހައްދުން ކުރިން ފާހަގަކުރެވުނު ބެލިސްޓިކް ދެ މިސައިލަކީ އީރާނުން ފޮނުވާލި ދެ މިސައިލް ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ މެއި 4 ގައި ފުޖައިރާ ބަނދަރަށް ދިން ހަމަލާއަށް ފަހު މިފަދަ ހާދިސާއެއް އެ ގައުމުން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. މިނިސްޓްރީގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެ މިސައިލްތައް އަމާޒުކޮށްފައިވަނީ ކަނޑުދަތުރުފަތުރަށެވެ. އަދި އެ ދެ މިސައިލްވެސް ވެއްޓިފައިވަނީ ކަނޑަށެވެ.
މި ހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ބުރޫއަރާ ފަދަ ކަންކަން އިތުރުވަމުންދާތީ، ވަކި ގޮތެއް އަންގަންދެން އީރާނާއެކު ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކާއި މާލީ މުއާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް ޔޫއޭއީން ވަނީ ބުނެފައެވެ. އަދި "ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަތިލުމަށާއި، ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލަން މަސައްކަތްކުރާ ކޮންމެ ކަމަކާ ސާބިތުކަމާއެކު ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް އޮތްކަން،" ޑިފެންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ޔޫއޭއީގެ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޔޫއޭއީގެ ބަޔާނަކީ އެއްވެސް "އަސާސެއް ނެތް" ވާހަކައެއް ކަމަށެވެ. މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީ ސަރުކާރުގެ ހިއްސާ އޮންނަ އަދްނޮކްގެ އުޅަނދުތަކަކަށް ހަމަލާދިން ކަމުގެ ތުހުމަތުވެސް ޔޫއޭއީން އީރާނަށް ކޮށްފައިވާއިރު، އެ ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް، ތެހެރާނާ ދެކޮޅު ފަރާތްތަކާ ގުޅުންހުރި ނުވަތަ އެ ގައުމުގެ އެންގުންތަކަށް އަމަލުނުކުރާ އުޅަނދުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން މީގެ ކުރިން އޮތީ އިންޒާރު ދީފައެވެ.
މި މިސައިލްތައް ފޮނުވާލާފައި މިވަނީ، އެމެރިކާ އާއި އީރާނުގެ ސުލްހައިގެ ވާހަކަތަކަށް ދިން 60 ދުވަހުގެ މުއްދަތު އެއްވެސް ކުރިއެރުމެއް ނުލިބި ހަމަވެފައިވަނިކޮށެވެ. މިއާއެކު، ފެބްރުއަރީ މަހުން ފެށިގެން ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިސައިލްގެ ނުރައްކަލާ ގުޅިގެން ކުރިން ދިން އިންޒާރަށް ފަހު، ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީން މިހާރު ވަނީ އެލާޓެއް މެދުވެރިކޮށް ހާލަތު އަމާންވެފައިވާ ކަމަށާއި، އާންމު ހާލަތަށް ރުޖޫއަވުމަށް ރައްޔިތުންނަށް އަންގާފައެވެ.



