ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އަވަށްޓެރި ލުބުނާނުގައި ދިރިއުޅެމުންދާ އެ ޤައުމުގެ ކުރީގެ ސަރުކާރުގެ އިސް ފަރާތްތަކަށް މިހާރު ރައްކާތެރިކަމެއް ނެތް ކަމަށާއި، އަނބުރާ ޤައުމަށް ފޮނުވާލުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ދިމިޝްގަށް ވަނުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް އަސަދު މޮސްކޯއަށް ފިއްލެވި އިރު، ސަރުކާރާއި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ އިސް ވެރިން ސަލާމަތް ހޯދުމަށް ފިލައިގެން ދިޔައީ ލުބުނާނަށެވެ.
2011 ގައި ފެށުނު ދާޚިލީ ހަމަނުޖެހުންތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން، ސީރިޔާގެ ކުރީގެ ވެރިކަމުގެ އިސް ފަރާތްތައް ހައްޔަރުކޮށް ޤައުމާ ހަވާލުކުރުމަށްޓަކައި އެ ޤައުމުގެ އައު ސަރުކާރުން ބައިނަލްއަޤުވާމީ ޝަރުޢީ އެއްބާރުލުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސީރިޔާގެ ޖަސްޓިސް މިނިސްޓަރުގެ އެހީތެރިޔާ ވިދާޅުވި ގޮތުގައި ކުރީގެ ވެރިން ހޯދައި ޝަރީޢަތުގެ މަރުޙަލާ ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިދިޔަ ހަފުތާގައި ދިމިޝްޤުގެ ކޯޓަކުން ވަނީ ބައްޝާރު އަލް-އަސަދާއި، އޭނާގެ ކޮއްކޯފުޅު މާހިރު އަދި އާތިފް ނަޖީބުގެ މައްޗަށް ޣައިރު ޙާޟިރުގައި މަރުގެ ޙުކުމް އިއްވާފައެވެ
ކުރީގެ އޮފިޝަލުން ލުބްނާނަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ކުރިން ދުށީ، ހިޒްބުﷲ އާއި ލުބްނާނުގެ އަސްކަރިއްޔާއާ އެކު އޮތް ގާތް ގުޅުންތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ހާލަތު ވަނީ އެއްކޮށް ބަދަލުވެފައެވެ. ސީރިޔާ ސިފައިންގެ ކުރީގެ މޭޖާ ޖެނެރަލެއް ކަމަށްވާ އާދިލް އީސާ ލިޔެކިޔުމެއްގެ ކަމަކު ސީރިޔާ އެމްބަސީއަށް ދިއުމުން ދާދިފަހުން ލުބްނާނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ސީރިޔާއާ ހަވާލުކުރާނެ ކަމަށް ލުބްނާނުގެ އިސް ޕްރޮސެކިއުޓަރަކު ވަނީ އިއުލާނު ކުރައްވާފައެވެ.
އަސަދު އާއިލާގެ އެންމެ އިސް ފަރާތްތަކާއި ނޭޝަނަލް ސެކިއުރިޓީ ބިއުރޯގެ ކުރީގެ ވެރިޔާ އަލީ މަމްލޫކް ފަދަ ބޭފުޅުން މޮސްކޯ އަދި ޔޫއޭއީގައި ތިއްބެވި ނަމަވެސް، އެއާފޯސް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ޖަމީލް އަލް-ޙަސަން އަދި ކެމިކަލް ހަތިޔާރުގެ ޕްރޮގްރާމާ ގުޅުންހުރި ރިޕަބްލިކަން ގާޑުގެ ކުރީގެ ކޮމާންޑަރު ބައްސާމް އަލް-ޙަސަން ފަދަ އިސްވެރިން ދިރިއުޅެމުންދަނީ ލުބްނާނުގައެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުގެ ގިނަ އޮފިޝަލުން މިހާރު ތިބީ ޓްރިޕޮލީގެ ޖަބަލް މުޙްސިން އަވަށުގައި ނުވަތަ އުތުރުގެ ސަރަޙައްދެއް ކަމަށްވާ އައްކާރުގައެވެ.
ސަރުކާރު ވެއްޓުނު ފުރަތަމަކޮޅު ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން ލުބްނާނުގެ ބިޤާޢު ވާދީގައި ޤާއިމުކުރި ތަމްރީނު ކޭމްޕުތައް، ހިޒްބުﷲ އާއި ލުބްނާނުގެ ސިފައިން ގުޅިގެން ވަނީ ބަންދުކޮށްފައެވެ. ހިޒްބުﷲގެ ލީޑަރު ނަޢީމް ޤާސިމް ވިދާޅުވެފައިވަނީ ސީރިޔާގެ އައު ލީޑަރޝިޕާ ބައްދަލުކުރުމަށް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށާއި، އައު ސަރުކާރާއެކު ގޯސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއަރ އެނަލިސްޓް ނަނާރ ހަވާޗް ފާހަގަކުރެއްވި ގޮތުގައި، ހަތިޔާރު އެޅުން ހުއްޓާލުމުގެ ޕްރެޝަރު އޮތް ހިޒްބުﷲއަށް، ދިމިޝްޤާއެކު މަޞްލަޙަތު ޤާއިމުކުރުން މާ މުހިންމެވެ. ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރަޢުގެ ސަރުކާރުން ބެއިރޫތާއެކު ހަމަހަމަ ގުޅުމެއް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާއިރު، މިހާތަނަށް ލާއިންސާނީ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ އެއްވެސް އިސް ވެރިޔަކު ލުބްނާނުން ސީރިޔާއާ ހަވާލުކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ހާލަތު ބަދަލުވެގެންދާނެ ކަމަށް ބެލެވެއެވެ.



