މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ.
ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އަހުމަދު ޝިޔާމެވެ.
ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އޮގަސްޓް 08 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 9 ބައިވެރިން ބައިވެރިވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމްގެ ދަށުން ތިންވަނަ ކޯސް އާންމުންނަށް ހުޅުވައިލައިގެން މި އަހަރުގެ އޮކްޓޫބަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމަކީ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
ވަރލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.



