އިންޑިއާގެ ޒުވާނުން އިސްވެ ފެށި "ކޮކްރޯޗް" ހަރަކާތް ވަރުގަދަވަމުން އައުމާ ގުޅިގެން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގެ ސިޔާސީ ނުފޫޒަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސިޔާސަތުތައް މުރާޖައާކުރަން މަޖުބޫރުވެއްޖެއެވެ. މި ހަރަކާތުގެ އަސަރާއެކު، އޮގަސްޓް 4 ގައި ބޭއްވި ބައި-އިލެކްޝަންގައި، ބިހާރުގެ ބަންކީޕޫރު ދާއިރާގައި ވޭތުވެދިޔަ 30 އަހަރު ދަމަހައްޓަމުން އައި ބާރު ބީޖޭޕީއަށް ގެއްލި، ޕްރަޝާންތު ކިޝޯރުގެ ޖަން ސޫރާޖް ޕާޓީން ވަނީ އެ ގޮނޑި ކާމިޔާބުކޮށް ބޮޑު ސިހުމެއް ގެނެސްދީފައެވެ.
މި ނާކާމިޔާބީއާ ބީޖޭޕީ ކުރިމަތިލާން ޖެހުނީ އިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އުފެދުނު ދަރިވަރުންގެ ހަތް ހަފުތާގެ މުޒާހަރާތަކަށް ބޯލަނބައި، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވިތާ ދެ ހަފުތާވެސް ނުވަނީހެވެ. މިއީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ވަޒީފާނެތް ޒުވާނުންނަކީ ކަރަފޫރުތައް ގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން އިންސްޓަގްރާމްގައި އުފެދުނު ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ބީޖޭޕީގެ ގައުމީ ރައީސް ނިތިން ނަބީން ކެމްޕޭނުގައި ޒުވާނުންނަށް ފާޑުވިދާޅުވި ނަމަވެސް، އެކަން ވެގެންދިޔައީ އެ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށެވެ.
ޒުވާނުންގެ ހިތްތައް އަނބުރާލުމަށްޓަކައި ބޮޑުވަޒީރު މޯދީ ވަނީ އިންސްޓަގްރާމްގައި ސެލްފީ ސްޓައިލްގެ ވީޑިއޯތައް އާންމުކުރައްވައި، ރީލްސް މެދުވެރިކޮށް ޒުވާނުންނާ މުއާމަލާތް ކުރުމަށް މިނިސްޓަރުންނަށް ބާރުއަޅުއްވާފައެވެ. އަދި އުއްތަރަ ޕްރަދޭޝްގައި ކައުންސެލިންގ ސެޝަންތައް ބޭއްވުމުގެ އިތުރުން، އިންޓަނެޓްގެ ސްލޭންގް ބޭނުންކޮށްގެން ބީޖޭޕީން ނެރުނު ވީޑިއޯތަކަށް ޒުވާނުން ވަނީ މަލާމާތްކޮށް ޖޯކު ޖަހާފައެވެ.
ނިއު ދިއްލީގެ މިނިވަން ސިޔާސީ ތަހުލީލުވެރިޔާ އާސިމް އަލީ ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާގައި މީގެ ކުރިން ބީޖޭޕީން އުފެއްދި ފަދަ ޖަޒުބާތީ ގުޅުމެއް އުފެއްދުމުގެ ގާބިލުކަން މިހާރު އެ ޕާޓީގައި ނެތެވެ. ޕެރިހުގެ ސައެންސަސް ޕޯގެ ރިސާޗަރު ޣީލްސް ވާނިއަރސް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނަކީ ގައުމަށް ޣައްދާރުވާ ބައެއްގެ ގޮތުގައި ލޭބަލްކުރުމަށް ބީޖޭޕީން ކުރިން ގެންގުޅުނު އުކުޅު މިފަހަރު ވަނީ ފެއިލްވެފައެވެ. ސަބަބަކީ މި ހަރަކާތަކީ ވަކި ދީނަކަށް ނުވަތަ ފަންތިއަކަށް ބެލުމެއް ނެތި ހުރިހާ ޒުވާނުން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތަކަށް ވުމެވެ.



