ސްޕެއިންގެ ދެކުނުގައި އޮންނަ އިސްލާ ކްރިސްޓީނާގެ އެލް ރޮސިއޯ އަވަށުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ގޭންގު ލީޑަރެއް ކަމަށް ތުހުމަތުކުރެވޭ "އެލް ބާބާ" ގެ 62 އަހަރުގެ މައިދައިތައާއި، 39 އަހަރުގެ ކޮއްކޮގެ އިތުރުން އެ އާއިލާއާ ގުޅުމެއް ނެތް 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ގާޑިއާ ސިވިލް ޕޮލިސް ފޯސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާއެއްގައި ގޭންގު ލީޑަރެއްގެ ކޮއްކޮގެ 18 އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. މި ހާދިސާގައި އިތުރު މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވީ ނަމަވެސް، އެ މީހާގެ އުމުރާއި ޖިންސު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވާދަވެރި ގޭންގުތަކުގެ މެދުގައި ބަދަލުހިފުމުގެ ގޮތުން ހިންގި އަމަލެއްގެ ގޮތުގައެވެ. މި ހަމަލާ ދިނުމަށް ދިގު ބަޑިއެއް (ލޯންގް-ބެރަލްޑް ގަން) ބޭނުންކޮށްފައިވާއިރު، ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި "ބާބާ ކްލޭން" ގެ ނަމުން މަޝްހޫރުވެފައިވާ މި ގޭންގާއި "މޮރީނިއާ ކްލޭން" ފަދަ ވާދަވެރި ގްރޫޕްތަކާ ދެމެދު އޮތް ދެކޮޅުވެރިކަން، 2024 ވަނަ އަހަރު ހިނގި މަރުގެ ހާދިސާއަކަށްފަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ހާދިސާއަށް ހަފުތާތަކެއް ފަހުން ސްޕެއިންގެ އުތުރުން އެލް ބާބާ ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން އޭނާ އަދިވެސް ހުރީ ބަންދުގައެވެ



