ޅ. ހިންނަވަރު ފިހާރައަކުން ވަގަށްނެގި ތަކެތިި ހޯދައި، ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 2026 އޮގަސްޓު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހިންނަވަރު ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއް އޮގަސްޓު 16 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަނެ އަދި ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފެށި ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުގައި، ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށްނެގިކަމަށް ބެލެވޭ ފަސް މޯބައިލްފޯނާއި ހަ ކާޓޫނު ސިނގިރެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްޒާނު މޫސާ (39އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



