ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ޕާކިސްތާނުގެ ލީޑަރުންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ރައީސް މުޢިއްޒު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން އިސްކަންދޭ މިންވަރު ފާހަގަކުރައްވައި، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ވެރިންނަށް ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.



