ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަށް ތާވަލުކޮށްގެން ކާގޯ ދަތުރުތައް ފަށައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން މައުލޫމާތު ދެއްވާ ގޮތުގައި، މެލޭޝިއާގެ ޕެނޭންގާއި މާލެއާ ދެމެދު ހަފްތާއަކު ދެ ދުވަހު ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެއެވެ.
މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ފެށި ފުރަތަމަ ކާގޯ ދަތުރުތަކަށްވާއިރު، މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރިއަށްގެންދާ ދަތުރުތަކެކެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، ރާޔާ އެއާވޭސްގެ މި ދަތުރުތަކާއެކު ދެކުނު އޭޝިއާއާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނި ގޮތުގައި މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއަށްވާތީ، މީގެ ސަބަބުން ވީއައިއޭއަކީ ކާގޯ ގުޅުވައިދޭ މުހިންމު ހަބަކަށްވެ، މުދާ ފޮނުވާ ފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ބާޒާރުތަކަށް ވާސިލުވުން ފަސޭހަވެގެންދާނެއެވެ. ރާޔާ އެއާވޭސްއަކީ ވީއައިއޭއަށް ދަތުރުކުރާ ތާވަލުކުރެވުނު ދެވަނަ ކާގޯ އެއާލައިނެވެ.
ވީއައިއޭގެ ކާގޯ އޮޕަރޭޝަންތައް ކުރިއަރަމުން އަންނައިރު، 2026 ވަނަ އަހަރުގެ ޖެނުއަރީން ޖުލައިމަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ރާއްޖެ ވަނީ ގުޅުވާލަދީފައެވެ. އަދި ނިމުނު 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 ޓަނަށްވުރެ ގިނަ މުދާ ވަނީ އުފުލާފައެވެ.



