ގޭންގު ކުށްތަކުގައި ބައިވެރިވާ ކުދިން ކުށުގެ ވެށިން ހައްޔަރުކޮށް ޖަލަށްލުމުގެ ބަދަލުގައި، އެފަރާތްތައް އިސްލާޙުކޮށް މުޖުތަމަޢަށް ނެރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ފާހަގަކުރެއްވީ، ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭންގު މާރާމާރީތައް އާންމުކޮށް ހިންގި ނަމަވެސް، ފުލުހުންގެ ކަމާބެހޭ ޔުނިޓްތަކުން 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ގޭންގު މާރާމާރީތައް އަމަލީ ގޮތުން ހުއްޓުވިފައިވާ ކަމަށެވެ.
މީގެއިތުރުން، ގޭންގު ކުށްތަކުގައި އުޅުނު ގިނަ ޒުވާނުންތަކެއް މިހާރު ވަޒީފާތަކަށް ނުކުމެ، އެދެވޭ އަދި ރަނގަޅު ދިރިއުޅުމެއް އުޅެން ފަށާފައިވާކަން ތަފާސްހިސާބުތަކުން ދައްކާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުށްކުރާ ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި، ރިހެބިލިޓޭޝަންގެ މަރުޙަލާ ފުރިހަމަކޮށްދީ، މުޖުތަމަޢަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުންގެ ގޮތުގައި އެކުދިން އަނބުރާ މުޖުތަމަޢަށް ނެރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



