ގިނަ އަދަދެއްގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގިރިފުށި ކައިރިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޗަށް ވަރަށް ބޮޑަށް ދިޔަވަމުން ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކާ ކައިރިކޮށް، އޭގައި ތިބި މީހުން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ. ދަތުރުވެރިންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
މީހުންތައް އަނެއް ދޯންޏަށް ސަލާމަތްތެރިކަމާއެކު އެރުވިތާ މާގިނައިރުތަކެއް ނުވެ، ލޯންޗު އެއްކޮށް އަޑިއަށްދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. މި ހާދިސާއާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނިކޮށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



