ވިލިމާލޭގައި އަލަށް ތަރައްގީކުރާ 100 އެނދުގެ ޒަމާނީ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީގޮތުން "އަމާން ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، އަމާން ހިޔާގައި ޕާޓިޝަން ޖެހުމާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތް ހިމެނޭހެން އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ސަރުކާރުން ނިންމާފައިވަނީ 15,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވިލިމާލޭގައި މިހާރު ހުރި، އެކަށީގެންވާ ހިދުމަތް ނުދެވޭ ބާ ހޮސްޕިޓަލް ތަޅާލުމަށްފަހު، އެ ބިމުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 100 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމަށެވެ. މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ހާއްސަ އެނދުތައް ގާއިމުކުރެވޭނެއެވެ.
އަމާން ހިޔާއަށް ހިދުމަތްތައް ބަދަލުކޮށް، އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަކީ ވިލިމާލޭގެ ސިއްހީ ނިޒާމަށް ބޮޑު އިގުތިސާދީ އަދި އިޖުތިމާއީ ލުޔެއް ލިބިގެންދާނެ ކަމެކެވެ.



