2026 ވަނަ އަހަރުގެ ޖުލައި މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ރިޕޯޓުކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 22 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 09 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 07 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 04 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ، ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ގެ 01 މައްސަލައާއި އެހެނިހެން 03 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ޖުލައި މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 54 މައްސަލައަކާއި ފިރިހެން ކުދިންގެ 34 މައްސަލަ ކަމަށްވެސް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.



