ސަރަހައްދީ ވިޔަފާރީގެ މުއާމަލާތްތައް ލުއިފަސޭހަކުރުމަށާއި، މުދާ އެތެރެކުރުމުގެ ކުރިން އެ މުދަލުގެ މައުލޫމާތު ދުރާލާ ހިއްސާކުރުމުގެ މަގްސަދުގައި ދެކުނު އޭޝިއާގެ ހަތަރު ޤައުމެއްގެ މެދުގައި މުހިންމު ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މާލޭގައި އިއްޔެ ބޭއްވި ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ގްރޫޕްގެ 14 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މި ރަސްމިއްޔާތު ހޯމް މިނިސްޓަރު އަލީ އިހުސާން ޝަރަފުވެރިކޮށްދެއްވާފައިވާއިރު، ރާއްޖޭގެ އިތުރުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލުންނެވެ. އަދި މި ބައްދަލުވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ ދެކުނު އޭޝިއާގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓްވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، މުދާ ބަނދަރުތަކަށް ވާސިލުވުމުގެ ކުރިން ކަސްޓަމްސް އިދާރާތަކަށް ބޭނުންވާ ޒަރޫރީ މައުލޫމާތުތައް ބަދަލުކުރެވޭނެ އިންތިޒާމު މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާވެ، ބޯޑަރުތަކުން މުދާ ކްލިއާ ކުރުމުގައި ހޭދަވާ ވަގުތު ކުޑަވުމުގެ އިތުރުން، މުދާ އުފުލުމާއި ލޮޖިސްޓިކްސްއަށް ހިނގާ ހަރަދުތައް ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެއެވެ. އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ލިބޭނެ ތާރީހުތައް ދުރާލާ ޔަގީންކުރެވޭނެތީ، ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ރައްކާތެރިވެ، އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.



