ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވިފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ގެ ދަށުން ޑިއުޓީގެ ލުއި ހޯދުމަށްޓަކައި، ތުރުކީގެ ކަމާބެހޭ އިދާރާތަކުން ދޫކުރާ "ޕްރިފަރެންޝިއަލް ސެޓްފިކެޓް އޮފް އޮރިޖިން" ހުށަހަޅަންޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
މިދިޔަ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމުގެ ދަށުން، ތުރުކީގައި އުފައްދާ އަމިއްލަ އުފެއްދުންތަކުގެ ތެރެއިން ޖުމްލަ 404 ބާވަތެއްގެ މުދަލަކަށް ޑިއުޓީގެ އިނާޔަތްތައް ލިބޭނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ޑިއުޓީ މާފުކުރި 293 ބާވަތެއްގެ އިތުރުން، ކުރިންވެސް ސުމެއް އިންސައްތައިގައި ޑިއުޓީ ހުރި 111 ބާވަތެއް ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ލުއި ލިބޭ މުދަލުގެ ތަފްސީލު ކަސްޓަމްސްގެ "ޓެރިފް ސާޗް ޓޫލް" މެދުވެރިކޮށް މިހާރު ބަލައިލެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އަހަރަކު ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭ ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ދިވެހި އެކްސްޕޯޓަރުންނަށް އައު މާކެޓްތައް ހުޅުވިގެންދާނެއެވެ.
މިއީ ބޭރު ޤައުމަކާއެކު ރާއްޖެއިން ގާއިމުކުރި މިފަދަ ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިން ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.



