މިދިޔަ އޭޕްރިލް މަހު އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނަށް ޖުމްލަ 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން އެހީ ދީފައިވަނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދި 23 މީހަކަށް ދޫކުރި 608،381 ރުފިޔާއާއި، އެހެނިހެން ބަލިތަކަށް ފަރުވާ ހޯދި 21 މީހަކަށް ދޫކުރި 585،731 ރުފިޔާގެ އިތުރުން ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 27 މީހަކަށް ދޫކުރި 552،961 ރުފިޔާއެވެ. މީގެ އިތުރުން ކާޑިއޯވަސްކިއުލާ، ނޭވާލާ ނިޒާމު އަދި ވިހެއުމާ ގުޅޭ ކޭސްތަކަށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނަށް 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން ހަރަދުކުރީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 51 މީހަކަށް ދޫކުރި 1.2 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން އެހީ ދިނީ އެހެނިހެން ބަލިތަކުގެ 51 މީހަކަށް ދޫކުރި 627،666 ރުފިޔާއަށާއި، ވިހެއުމާ ގުޅޭ 40 ކޭސްއަކަށް ދޫކުރި 605،552.28 ރުފިޔާއަށެވެ. އަދި މައިބަދައާއި ނާރުގެ ބަލިތަކާއި، އަންހެނުންގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް އަދި ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކަށްވެސް ބޮޑު އެހީއެއް ވަނީ ދޫކޮށްފައެވެ.



