ރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސް ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާއެއް ކަމަށާއި، އެ ޒިންމާ އަދާކުރުމުގައި މުވައްޒަފުން ސާބިތުވެ ތިބޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު، އަންހެން ފަސިންޖަރުން ބަލައިފާސްކުރުމުގައި ވަކި ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ އެ މުވައްޒަފުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އެ ބަޔާނުގައިވާ ގޮތުން، ބޯޑަރުން ރާއްޖެއަށް މަނާތަކެތި އެތެރެވުން ހުއްޓުވައި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން ލިބޭ މައުލޫމާތަށް ރިއާޔަތްކޮށް ފިޒިކަލީ ބަލައިފާސްކުރަންޖެހޭ ހާލަތްތަކުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އެކަން ކުރަމުންދާނެއެވެ.
އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކަސްޓަމްސްއިން ކުރާ މަސައްކަތްތަކާމެދު އާންމުންގެ މެދުގައި ޝައްކު އުފެދި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލުނުކުރުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



