ބޭންކް އޮފް މޯލްޑިވްސް ގެ އިދާރީ އޮނިގަނޑަށާއި އެގްޒެކެޓިވް ޓީމުގެ ދައުރުތަކަށް މުހިންމު ބަދަލުތަކެއް މިއަދުން ފެށިގެން ވަނީ ގެނެސްފައެވެ. މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ހަލުވިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމަށް އެކުލަވާލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކަށް ދިއުމަށް އެޅުނު ފިޔަވަޅެކެވެ.
ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު، ސީނިއަރ މެނޭޖްމަންޓުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:
- އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު
- މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު
- ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު
- ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކު މިވަގުތު އޮތީ މާލީގޮތުން ހަރުދަނާ ހާލަތެއްގައެވެ. އަދި އިސް މަގާމުތަކުގެ ދައުރުތަކަށް ގެނެވުނު މި ބަދަލަކީ ލީޑަޝިޕް ވަރުގަދަކޮށް، ދިވެހި ހުނަރުވެރިން ބިނާކުރުމަށް ކުރެވުނު އިންވެސްޓްމަންޓެކެވެ. މީގެއިތުރުން، މިއީ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލަކަށްވާތީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް އަދި މުއާމަލާތްކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.



