އިންޖީނިއަރުންގެ ދުވަސް 2026 ފާހަގަކުރުމުގެ ގޮތުން "ސްޓެލްކޯ އިންޖީނިއަރުން" މި ތީމުގެ ދަށުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކުރެހުންތައް ހުންނަންވާނީ އިލެކްޓްރިކަލް، މެކޭނިކަލް، ސިވިލް، ސޮފްޓްވެއާ، ރިނިއުބަލް އެނާޖީ، ނުވަތަ ފެނާއި ނަރުދަމާގެ ދާއިރާއިން ސްޓެލްކޯގެ އިންޖީނިއަރުން ކުރާ މަސައްކަތްތައް ދައްކުވައިދޭ ގޮތަށެވެ.
މުބާރާތް ބެހިފައިވަނީ ދެ ކެޓަގަރީއަކަށެވެ:
- 5 އަހަރާއި 10 އަހަރާ ދެމެދު
- 11 އަހަރާއި 16 އަހަރާ ދެމެދު
ވަނަތަކަށް ހޮވޭ ކުރެހުންތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށް 2,500 ރުފިޔާ، 2 ވަނައަށް 1,500 ރުފިޔާ، 3 ވަނައަށް 1,000 ރުފިޔާ އަދި 4 ވަނައިން ފެށިގެން 10 ވަނައަށް ހޮވޭ ކޮންމެ ކުރެހުމަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މުބާރާތުން 1 ވަނައަށް ހޮވޭ ކުރެހުން، އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާގެ އޮފިޝަލް ބެކްޑްރޮޕްގައި ބޭނުންކުރާނެއެވެ.
ކުރެހުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3338239 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.



