އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (ގާނޫނު ނަންބަރު 1/2014) 45 ވަނަ މާއްދާގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރު ފުރިފައިވުމާއި، ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުން އަދި އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ބޭނުންވާ ފޯމުތަކާއި އިގުރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަށް މުސާރައިގެ ގޮތުގައި މަހަކު 40،000ރ. އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 18،000ރ. ގެ އިތުރުން ޚާއްޞަ އެލަވަންސްގެ ގޮތުގައި 7،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ލިބޭނެއެވެ. މިހާރު އެ މަޤާމުގައި ހުންނަވަނީ އަޙުމަދު އާހިދު ރަޝީދެވެ.



