2008 ވަނަ އަހަރުން ފެށިގެން އައިޑީ ކާޑުގެ ޚިދުމަތް ދެމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. މި ބަދަލާއެކު މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށް ވަނީ އިއުލާން ކުރައްވާފައެވެ.
މި މަސައްކަތަށް ބިޑް ހުށަހެޅޭނީ 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ޑީއެންއާރު ވެލާނާގެ، 4 ވަނަ ފަންގިފިލާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ރީތި، ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް ޑީއެންއާރުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި (ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެ) އިތުރު 3 އޮފީހެއް ހުޅުވުމުގެ އިތުރުން، ރާއްޖޭގެ އަތޮޅުތަކާއި ބައެއް ރަށްރަށުގެ އިތުރުން މެލޭޝިޔާ އާއި ސްރީލަންކާގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ ސަބަބުން އޮންލައިންކޮށް ކާޑަށް ހުށަހަޅައިގެން އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ތަނަކުން އަވަސްކަމާއެކު ކާޑު ލިބޭނެ މަގު ވަނީ ފަހިވެފައެވެ.



