ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ޚާއްޞަ ޔުނިޓު ގާއިމުކުރުމަށް އައިޖީއެމްއެޗަށް ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ދީފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ އެ ތަން ގާއިމުކުރުމަށް ބޭނުންވާ ކުރެހުންތައް ހެދުމުގެ މަސައްކަތެވެ.
މިހާރު ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަނީ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށްވާތީ އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ކޮންމެ ފަހަރަކު ބައިލައްކައެއްހާ ރުފިޔާ ޚަރަދުވެއެވެ. ނަމަވެސް ފުލުހުންގެ ތެރޭގައިވެސް މިކަން ކުރެވޭނެ ފެންވަރުގެ ބޭފުޅުން ތިއްބެވުމާއެކު، ރާއްޖޭގައި މި ޔުނިޓު ގާއިމުވުމުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި ޔުނިޓު މެދުވެރިކޮށް ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމުގެ ތަހުލީލުތަކާއި، ޖިންސީ އަދި ޖިސްމާނީ ގޯނާއާއި ލާއިންސާނީ އަނިޔާތަކުގެ ތަހުލީލުތައް ކުރެވޭނެއެވެ. މީގެ އިތުރުން ޝަރުއީ އަދި އިންޝުއަރެންސް ބޭނުންތަކަށް މީހުންނަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. އާންމުކޮށް ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަނީ މަރުގެ މައްސަލަތަކާއި ޖަލުތަކުގައި މަރުވާ މީހުންގެ ތަހުގީގީ ބޭނުންތަކަށެވެ.



