މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2އިން 20 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ.
ޝިޢާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް، ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރުމުންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 26 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 24.80 ގުރާމް ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



