އިންޑިއާގެ ޒުވާނުންގެ މެދުގައި އުފެދިފައިވާ ބޮޑު ސިޔާސީ ހަރަކާތެއްގެ އިސް ސަފަށް އުމުރުން 30 އަހަރުގެ އަބީޖީތު ދީޕްކޭ ނުކުމެ، އެ ގައުމުގެ 'ޖެން ޒީ' ޖީލުގެ އަޑަކަށް އޭނާ ވަނީ ވެފައެވެ. މި ހަރަކާތް ފެށިގެން އައީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަޒީފާނެތް ޒުވާނުން 'ކަރަފޫރާ' އެއްގޮތްކޮށް ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ، ދީޕްކޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ދީޕްކޭ ސޯޝަލް މީޑިއާގައި ކުރި "ކަރަފޫރުތައް އެކުވެއްޖެނަމަ ވާނީ ކިހިނެއް؟" މި މަޖާޒީ ޕޯސްޓާއެކު "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުގައި ހަރަކާތެއް އުފެދި ވައިރަލްވިއެވެ. މި ހަރަކާތަކީ ވަޒީފާ ނެތުމުގެ މައްސަލައާއި އިމްތިޙާނު ކަރުދާސްތައް ލީކުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ މިލިއަން ޒުވާނުންގެ ވަރުގަދަ އަޑަކަށް މިހާރު ވަނީ ބަދަލުވެފައެވެ.
ސޫރަތުގެ މެޑިކަލް އިމްތިޙާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ޒުވާނުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި މައްސަލައިގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ އަލްޕްރަދާންގެ އިސްތިއުފާއަށް އެދި ނިއުދެލީގައާއި އެހެން ބޮޑެތި ސިޓީތަކުގައި ދިހަހާހަށްވުރެ ގިނަ ޒުވާނުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.
އަބީޖީތު ދީޕްކޭއަކީ އެމެރިކާގެ ބޮސްޓަންގައި ކިޔަވަން ހުރުމަށްފަހު އެނބުރި ގައުމަށް އައިސް މި ހަރަކާތުގެ ލީޑަރަކަށްވި ޒުވާނެކެވެ. އޭނާއަކީ އިންޑިއާގެ ނިކަމެތި އާއިލާތަކުގެ ތެރެއިން "ދަލިތު" ނަސަބަށް ނިސްބަތްވާ މީހެކެވެ. މީގެ ކުރިން އޭނާ ވަނީ އާމް އާދްމީ ޕާޓީ ގެ ސޯޝަލް މީޑިއާ ޓީމުގައިވެސް މަސައްކަތް ކޮށްފައެވެ.
މި ހަރަކާތުގެ ތެރެއިން ދީޕްކޭއަށް އެކި ކަހަލަ ހަމަލާތަކާއި އިންޒާރުތައް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން މުޒާހަރާގެ ތެރެއިން އޭނާގެ މޫނަށް ނޫކުލައިގެ ދެލި ޖެހުން ފަދަ ކަންކަން ހިނގާފައިވީ ނަމަވެސް، އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ދީޕްކޭ ބުނެފައިވަނީ، "ދަނޑިވަޅުގައި ކުދިންނަށް އިންސާފު ލިބެންދެން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރިއަށްގެންދާނެ" ކަމަށެވެ.



