ރާއްޖޭގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނެއްގައި ވާގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. މި މަޤާމަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ ތަފާސްހިސާބާ ބެހޭ ކަންކަން އެންމެ އިސްކޮށް ބެލެހެއްޓުމަށް އައްޔަންކުރާ މުހިންމު މަޤާމެކެވެ.
ތަފާސްހިސާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް އައްޔަންކުރާ މީހަކީ މުސްލިމަކަށް ވާންޖެހޭނެއެވެ. އަދި އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭއިރު، ބުއްދި ސަލާމަތުން ހުރި މީހަކަށް ވެސް ވާންޖެހެއެވެ. މީގެ އިތުރުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ހިމެނެއެވެ. އަދި ތަފާސްހިސާބު، އިކޮނޮމިކްސް، ޑެމޮގްރަފީ ނުވަތަ ހިސާބު ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރުން ލާޒިމްކުރެއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދޭގޮތުގައި، މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. މި މަޤާމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



