ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ބާއްވަންޖެހޭ ރަސްމީ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް މިނިސްޓަރު ޝްރީ ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބާއްވާފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އުފައްދާ ބާވަތްތަކަށް އިންޑިއާގެ ބާޒާރުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް އިމްޕޯޓް ޑިއުޓީ ކުޑަވުމާއި، ވިޔަފާރި ކުރުމުގައި ހުރި އެހެނިހެން ހުރަސްތަކާއި ގޮންޖެހުންތައް ނެތިގޮސް، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބައްދަލުވުމަށްފަހު މިނިސްޓަރު ސައީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭގެ ފަހުން، މި އެއްބަސްވުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.



