މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން މިއަހަރު ފެށުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" (ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ) ގެ އަތޮޅުތެރޭގެ ދެވަނަ ރައުންޑުގައި މަސައްކަތްކުރާނެ އެނިއުމަރޭޓަރުން ހޯދަން އިޢުލާނުކޮށްފިއެވެ.
މި ސަރވޭގެ ދެވަނަ ރައުންޑް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހު، ހއ. އަތޮޅު، ރ. އަތޮޅު، އއ. އަތޮޅު އަދި ގއ. އަތޮޅުގައެވެ.
މި ސަރވޭގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ގޭބިސީތަކުގެ އެވަރެޖް އާމްދަނީއާއި ޚަރަދު، އަދި އެކި ބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، ރާއްޖޭގެ އިޤްތިސާދީ އެހެނިހެން މިންގަނޑުތައް ދެނެގަތުމަކީވެސް މި ސަރވޭގެ މުހިންމު ބޭނުމެކެވެ.
ސަރވޭ ކުރިއަށްދާނެ ތާވަލު:
މި ސަރވޭގެ ތަމްރީނު ޕްރޮގްރާމް 2 އޮގަސްޓު އިން 6 އޮގަސްޓް 2026 އަށް (ހޯރަފުށި، އުނގޫފާރު، އުކުޅަސް، އަދި ވިލިނގިލީގައި) ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ފީލްޑް މަސައްކަތް ކުރިއަށްގެންދާނީ 8 އޮގަސްޓުން 16 އޮގަސްޓް 2026 އަށެވެ.
މި ސަރވޭއަށް ޖުމްލަ 4 އަތޮޅެއްގެ އެކި ރަށްރަށުން އެނިއުމަރޭޓަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ 6 ރަށަކުން 12 މީހުން، ރ. އަތޮޅުގެ 8 ރަށަކުން 16 މީހުން، އއ. އަތޮޅުގެ 6 ރަށަކުން 18 މީހުން އަދި ގއ. އަތޮޅުގެ 7 ރަށަކުން 26 މީހުން ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ. އެންމެ ގިނަ އެނިއުމަރޭޓަރުން ހޯދަނީ ގއ. ވިލިނގިލިން (8 މީހުން) ނެވެ.
މި މަސައްކަތުގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރު ހުރި، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ ކުރިން ބޯހިމެނުން ނުވަތަ މިފަދަ ސަރވޭތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ތަމްރީނު ދުވަސްތަކަށް ދުވާލަކު 150 ރުފިޔާ، ފީލްޑް މަސައްކަތުގެ ދުވަސްތަކަށް ދުވާލަކު 500 ރުފިޔާ، އަދި ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކު 300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ފޯނު އެލަވަންސްވެސް ހަމަޖެހިފައިވެއެވެ. ރަށުން ބޭރުގައި މަސައްކަތްކުރާ ފަރާތްތަކަށް ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމް އެމް.ބީ.އެސް އިން ހަމަޖައްސައިދޭނެއެވެ.
މި ސަރވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޖުލައި 2026 ގެ 14:00 ކުރިން މި ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3008416 ނުވަތަ 3008488 ނަންބަރަށް ގުޅުއްވުމަށް އެ ބިއުރޯއިން އެދެއެވެ.



