ފީފާ ވޯލްޑް ކަޕް 2026 ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން، އިކުއެޑޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި މުބާރާތުގެ ގަދަ 16 އަށް ފަސޭހަކަމާއެކު ދަތުރުކޮށްފިއެވެ. މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މޫސުން ގޯސްވުމުގެ ސަބަބުން ފެށުން ގަޑިއިރަކަށް ލަސްވި ނަމަވެސް، ހަވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅުނު މެކްސިކޯ ޓީމުން ވަނީ މުޅި މެޗުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ގިލްބާޓޯ މޯރާ، ލުއިސް ރޯމޯ އަދި ރައުލް ހިމެނޭޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އިކުއެޑޯގެ ޖޯން ޔެބޯއާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހި ނާކާމިޔާބުވިތާ ހަތަރު މިނެޓު ފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ހޫލިއަން ކީނޯނޭޒް ވަނީ މެކްސިކޯއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ރޮބާޓޯ އަލްވަރާޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން، އަމިއްލަ ހާފުގެ ތެރެއިން ބާރަށް ކުރިއަށް އަރައި ކީނޯނޭޒް ކާމިޔާބުކުރި ލަނޑެކެވެ.
މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ކީނޯނޭޒްއެވެ. މި މޮޅާއެކު މެކްސިކޯއަށް ތާރީހީ ކާމިޔާބީއެއް ވެސް ވަނީ ލިބިފައެވެ. ވޯލްޑް ކަޕް ތާރީހުގައި މީގެ ކުރިން ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް މެކްސިކޯއަށް ލިބުނު ހަމައެކަނި މޮޅަކީ ވެސް 2002 ވަނަ އަހަރު އަގީރޭގެ އިރުޝާދުގެ ދަށުން އިކުއެޑޯ އަތުން ލިބުނު މޮޅެވެ.
މެކްސިކޯގެ ފަހަތް ބެލެހެއްޓުމުގައި ސޭސާ މޮންޓޭސް އާއި ޖޯހަން ވަސްކޭޒް މުހިންމު ދައުރެއް އަދާކުރިއިރު، ގޯލްކީޕަރު ރައުލް ރަންގެލް ވަނީ ޖެހިޖެހިގެން ހަތަރު މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. މެޗުގެ ފަހުކޮޅު އިކުއެޑޯއަށް އިތުރު ހިތްދަތިކަމެއް ލިބުނީ، މެކްސިކޯގެ ފޯވާޑް ގިމެނޭޒްއާ ދެމެދު ހިނގި ބަހުގެ ހަމަލާތަކެއްގެ ސަބަބުން އެޓީމުގެ ހިންކާޕީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މި މެޗުގައި މެކްސިކޯގެ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ (17 އަހަރާއި 259 ދުވަސް) ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ އަކީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް މަރުހަލާގެ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 1958 ވަނަ އަހަރު ކުޅުނު ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ.
ގަދަ 16 ގައި ޖުލައި 5 ވަނަ ދުވަހު މެކްސިކޯ ބައްދަލުކުރާނީ އިންގްލެންޑާއި ކޮންގޯ ޑީއާރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.


