އިންޑިއާގައި މިވަގުތު ދިރިއުޅުއްވަމުންދާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، މި އަހަރު ނިމުމުގެ ކުރިން އެނބުރި ޤައުމަށް ވަޑައިގަންނަވާނެކަން އިޢުލާން ކުރައްވައިފިއެވެ.
ޝައިޚް ޙަސީނާ ޤައުމު ދޫކުރައްވައި އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތީ، އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން އިސްވެ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވިއެވެ.
އެ ހަމަނުޖެހުންތަކުގައި ޙަސީނާގެ ސީދާ ބައިވެރިވުން އޮތް ކަމަށް ނިންމައި، ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން ދާދިފަހުން ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު އިއްވައިފައެވެ. ކޯޓުގެ ޙުކުމުގައިވާ ގޮތުން، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރީ ސީދާ ބޮޑުވަޒީރުގެ އަމުރަށެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚުގައިވެސް ކުރީގެ ވެރިއެއްގެ މައްޗަށް މަރުގެ ޙުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ޙަސީނާ ވިދާޅުވީ، އެއީ ސިޔާސީ މަގުސަދެއްގައި އިއްވާފައިވާ ހުކުމެއް ކަމުން އެ ނިންމުން ބަލައިނުގަންނަވާ ކަމަށެވެ. އަދި މަރުގެ އަދަބަށް ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މި އަހަރު ތެރޭގައި އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޙަސީނާ އިތުރަށް ވިދާޅުވީ، އޭނާ އެނބުރި ޤައުމަށް ވަޑައިގަންނަވަނީ ބަންގްލަދޭޝްގައި އަލުން ޑިމޮކްރަސީ ޤާއިމުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށްޓަކައި ކަމަށެވެ.



