ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި ވަރުގަދަ އިންގްލެންޑާ ދެކޮޅަށް ގާނާއިން ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މުޅި މެޗުގައިވެސް ގާނާގެ ފަރާތުން ފެނުނީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. ފުރަތަމަ ހާފުގައި އިންގްލެންޑަށް ލިބުނު ހަމައެކަނި ފުރުސަތަކީ ޑެކްލަން ރައިސް ބޮލުން ފޮނުވާލި ބޯޅައެކެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އެލިއަޓް އެންޑަސަން ބޮލުން ފޮނުވާލި ބޯޅައެއް ގާނާގެ ކުޅުންތެރިން ހުއްޓުވިއިރު، އެންތަނީ ގޯޑަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ އަށެވެ. އޭގެ ފަހުން ހެރީ ކޭން ފޮނުވާލި ތިރި ހަމަލާވެސް ކީޕަރު އަސާރޭ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އިންގްލެންޑަށް މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ 87 ވަނަ މިނެޓުގައެވެ. ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ. މި ނަތީޖާއާއެކު އިންގްލެންޑުން ވަނީ ގްރޫޕްގެ އެއްވަނައިގައި ހިފަހައްޓާފައެވެ.




