އެމެެރިކާގެ ފިލަޑެލްފިޔާގައި ކުޅުނު ފޯރިގަދަ މެޗުގައި އިރާގުގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައި، ފްރާންސުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ފްރާންސްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ފްރާންސަށް ލީޑު ނަގައިދިނީ 14 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭއެވެ. މި ލަނޑާއެކު ފްރާންސުން މެޗުގެ ކޮންޓްރޯލް ހޯދިއިރު، އިރާގުގެ ކެޕްޓަން އަދި ފޯވާޑް އައިމަން ހުސައިނަށް އަނިޔާވެގެން ބާލަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް، އިރާގުން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކޮށްފައެވެ. ފްރާންސްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.
މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މިއީ އެމްބާޕޭގެ ކެރިއަރުގައި ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭއެވެ. އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެމްބެލޭ ޖެހި މި ލަނޑަކީ ވޯލްޑް ކަޕްގައި އޭނާ ފްރާންސަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް މިހާރު އޮތީ ކުޅުނު މެޗުތަކުން ހަ ޕޮއިންޓާއެކު ގްރޫޕް 'އައި' ގެ އެއްވަނައިގައެވެ.




