ފީފާ ވޯލްޑް ކަޕްގައި މިސްރުން ފަހަތުން އަރައި 3-1 އިން ނިއުޒީލެންޑް ބަލިކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ މީގެ 92 އަހަރާއި 25 ދުވަސް ކުރިން ވޯލްޑް ކަޕްގައި އަލަށް ވާދަކުރަން ފެށި ފަހުން އެ ގައުމުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.
ވެންކޫވަރގެ ބީސީ ޕްލޭސްގައި ކުޅުނު މި މެޗު ނިއުޒީލެންޑުން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ފިން ސާމަން ވަނީ ނިއުޒީލެންޑަށް ކުރިހޯދައިދީފައެވެ.
ހުސާމް ޙަސަންގެ އިރުޝާދުގެ ދަށުން ކުޅޭ މިސްރު ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ހުސްކޮށް ހުރެ ބޮލުން ބޯޅަ ގޯލަށް ފޮނުވާލި މުޞްޠަފާ ޒީކޯ އެވެ.
މިސްރުން މެޗުގެ ލީޑު ނެގީ އޭގެ ނުވަ މިނެޓު ފަހުންނެވެ. ތަރި މުޙައްމަދު ޞަލާޙް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، މިސްރަށް މެޗުގެ ކުރިހޯދައިދީފައެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ޓްރެޒެގޭ ވަނީ މިސްރުގެ ތިންވަނަ ލަނޑު ޖަހައިދީ، އެ ގައުމަށް ތާރީޚީ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.




