ފީފާ ވޯލްޑްކަޕުގައި ރޭ ކުޅުނު މެޗުގައި ސްވިޑަންގެ މައްޗަށް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި ނެދަލޭންޑްސްއިން މުހިންމު މޮޅެއް ހޯދައިފިއެވެ. ރާއްޖެ ގަޑިން 22:00 ގައި ފެށި މި މެޗުގައި ނެދަލޭންޑްސްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ.
މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ނެދަލޭންޑްސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރިއަން ބްރޮބީ ވަނީ ގޯލު ހުޅުވައިދީފައެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރައިސް ތަނަވަސްކޮށްދިން ބޯޅައަކުން ބްރޮބީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
ސްވިޑަންއިން ނަތީޖާގެ ފަރަގު ކުޑަކުރުމަށް ކުރި މަސައްކަތުގައި ވިކްޓާ ގެޔޮކޮރެސް އާއި ޔާސިން އަޔާރީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ނެދަލޭންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޑަމްފްރައިސްގެ އެހީތެރިކަމާއެކު ކޯޑީ ގަކްޕޯ ވަނީ ނެދަލޭންޑްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 54 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްކޯ 4-0 އަށް ބަދަލުކޮށްފައެވެ.
ސްވިޑަންގެ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސާކް ތަނަވަސްކޮށްދިން ފުރުސަތަކުން އެންތޮނީ އެލަންގާއެވެ. ނަމަވެސް މެޗު ނިމެން ދަނިކޮށް 88 ވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމާވިލް ވަނީ ނެދަލޭންޑްސްގެ ފަސްވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ނެދަލޭންޑްސް މިހާރު އޮތީ 4 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މުބާރާތުގައި ދެން ނެދަލޭންޑްސް ބައްދަލުކުރާނީ މި މަހުގެ 26 ވަނަ ދުވަހު ޓިއުނީޝިއާއާއެވެ. ހަމަ އެ ދުވަހު ސްވިޑަން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.




