ވޯލްޑް ކަޕްގައި ތުރުކީއާ ދެކޮޅަށް ޕެރަގުއޭ ކުޅުނު މެޗުގައި، އަނގަ ނިވާކޮށްގެން ހުރެ ވާހަކަދެއްކުމުގެ ސަބަބުން މިގޭލް އަލްމިރޯން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މިއީ ފުޓްބޯޅައިގެ ގަވާއިދުތަކަށް ގެނައި އާ ބަދަލެއްގެ ދަށުން މިފަދަ އަމަލަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މި ހާދިސާ ހިނގާފައިވަނީ ޕެރަގުއޭގެ އިސިޑްރޯ ޕިއްޓާއަށް ތުރުކީގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ކުޅުން މެދުކަނޑާލާފައި ވަނިކޮށެވެ. އެ ވަގުތު އަލްމިރޯން އަތުން އަނގަ ނިވާކޮށްގެން ހުރެ ތުރުކީގެ މާޓް މުލްދޫރާ ދިމާލަށް އެއްޗެކޭ ބުނިތަން ފެނުމުން، ރެފްރީ އިވާން ބާޓަން ވަނީ ވީއޭއާރު ރިވިއުއަކަށް ފަހު އޭނާއަށް ރަތް ކާޑު ދައްކާފައެވެ. މުލްދޫރު ވަނީ ވަގުތުން އެސިސްޓަންޓް ރެފްރީ ކައިރިއަށް ގޮސް އަލްމިރޯންގެ އަމަލުތައް ރިޕޯޓްކޮށްފައެވެ.
އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން މިދިޔަ އޭޕްރީލް މަހު ގަވާއިދަށް ގެނައި މި ބަދަލަކީ، ކުރިމަތިލުންތަކުގެ ތެރޭގައި ކުޅުންތެރިން އަނގަ ނިވާކޮށްގެން ތިބުމަކީ ރަތް ކާޑު ދެވޭނެ ކުށެއް ކަމަށް ކަނޑައެޅުމަށް ފަހު ގެނައި ބަދަލެކެވެ. މި ގަވާއިދު އިސްލާހުކުރީ މިދިޔަ ފެބްރުއަރީ މަހު ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އާއި ބެންފީކާގެ ޕްރެސްޓިއާނީއާ ދެމެދު ހިނގި ނަސްލީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ، "ކުޅުންތެރިއަކު އަނގަ ނިވާކޮށްގެން އެއްޗެކޭ ބުނުމުން އޭގެ ނަތީޖާއަކީ ނަސްލީ ތަފާތުކުރުމަކަށް ވާނަމަ، އޭނާ ދަނޑުން ފޮނުވާލަން ޖެހޭނެ" ކަމަށެވެ. އަލްމިރޯން އެއްވެސް ބޭއަދަބީ އެއްޗެއް ބުނި ކަމުގެ ހެއްކެއް ފެންނާކަށް ނެތް ނަމަވެސް، އާ ގަވާއިދުގެ ދަށުން އޭނާގެ އަމަލަކީ ކުށެކެވެ.
މި ރަތް ކާޑުގެ ސަބަބުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އަލްމިރޯންއަށް ގެއްލޭނެއެވެ. އަދި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބޭނުންވެއްޖެ ނަމަ އޭނާގެ ސަސްޕެންޝަން އިތުރުކުރުމުގެ ބާރު ވެސް އޮވެއެވެ. އަލްމިރޯން ދަނޑުން ފޮނުވާލި އިރު، މަތިއަސް ގަލާޒާގެ ލަނޑުން ޕެރަގުއޭ އޮތީ 1-0 އިން ކުރީގައެވެ.




