ހެއިޓީ އަތުން 3-0 އިން މޮޅުވެ، ބްރެޒިލުން ގްރޫޕް ސީގެ އެއްވަނަ އަށް އަރައި މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ. މި ނަތީޖާއާއެކު، އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތް ހެއިޓީ ވަނީ މުބާރާތުން ކަޓައިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވި ބްރެޒިލް މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުގައެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކޫންޔާ އެވެ. މި ލަނޑަކީ އަރިމަތިން ވިނީޝިއަސް ޖޫނިއާ އުފެއްދި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ބްރެޒިލްގެ ދެވަނަ ލަނޑު ވެސް ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ކޫންޔާ އެވެ. މެޗުގެ ތެރެއިން ބްރެޒިލްގެ ފޯވާޑް ރަފީނިއާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލާ އެކު ބްރެޒިލުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޒުވާން ފޯވާޑް އެންޑްރިކް އަށް ކުޅުމުގެ ފުރުސަތު ދީފައެވެ. ވޯލްޑް ކަޕަށް 52 އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮލިފައިވި ހެއިޓީ ވެފައިވަނީ މިފަހަރުގެ މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަށެވެ.
ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ހެއިޓީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.




