ބޮސްނިއާ 1-4 އިން ބަލިކޮށް ސްވިޒަލެންޑުން ގުރޫޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މި ކާމިޔާބީއާ އެކު ސްވިޒަލެންޑަށް މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ 71 ވަނަ މިނިޓުގައި ސްވިޒަލެންޑްގެ ކޯޗު ގެނައި ތިން ބަދަލާ އެކުއެވެ. މި ބަދަލުތައް ގެނައިތާ ތިން މިނިޓު ފަހުން، މެޗުގެ 74 ވަނަ މިނިޓުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 20 އަހަރުގެ ޔޯހާން މަންޒަމްބީ އެވެ.
މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ އަނެއް ކަމަކީ ބޮސްނިއާގެ ތާރިކް މުހާރެމޮވިޗް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމެވެ. މިއާ އެކު ބޮސްނިއާ އިން މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މީގެ ފައިދާ ނަގައި 84 ވަނަ މިނިޓުގައި ރުބެން ވާގަސް ވަނީ ސްވިޒަލެންޑްގެ ލީޑު ފުޅާކޮށްދީފައެވެ.
ސްވިޒަލެންޑްގެ ތިންވަނަ ގޯލު 90 ވަނަ މިނިޓުގައި ވާގަސް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ މަންޒަމްބީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ގްރޭނިޓް ޒާކާ އެވެ. މިއީ ސްވިޒަލެންޑްގެ ޖިބްރީލް ސޯ އަށް ބޮސްނިއާގެ އަމަރް މެމީޗް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މި ނަތީޖާއާ އެކު ގުރޫޕް ބީ ގައި ބޮސްނިއާ އަށް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.




