މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލީޑު ނަގާފައެވެ. ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޔޮއާއޯ ނެވޭސްއެވެ. މެޗުގެ ކުރީކޮޅު ޕޯޗުގަލް އިން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ކޮންގޯ އިން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން 10 ވަނަ މިނެޓުގައި ކޮންގޯގެ ވިސާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައެވެ.
ދެވަނަ ހާފުގައި ޕޯޗުގަލްގެ ޔޮއާއޯ ކަންސެލޯ ފޮނުވާލި ހިތްގައިމު އޯވަހެޑް ކިކެއް ގޯލަށް ވަން ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މެޗުގެ ފަހުކޮޅު ރޮނާލްޑޯއަށް ލިބުނު ދެ ފުރުސަތެއްގެ ބޭނުން ނުހިފުނުއިރު، ކޮންގޯގެ ސްޓީވް ކަޕުއާޑީ ފޮނުވާލި ބޯޅައެއް ވެސް ގޯލާ އަމާޒެއް ނުވިއެވެ.
މި މެޗާއެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ތާރީޚުގައި ކުޅުނު ދެވަނައަށް އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ 1994 ވަނަ އަހަރު އުމުރުން 42 އަހަރުގައި ކުޅުނު ކެމަރޫންގެ ރޮޖާ މިލާއެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޕޯޗުގަލްއަށް މި ނަތީޖާއާއެކު ކުރިއަށް ހުރި މެޗުތަކުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.




