ފީފާ ވޯލްޑް ކަޕް 2026 ގައި ސެނެގާލް އަތުން ފްރާންސް ހޯދި މޮޅާއެކު، އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ނިއު ޔޯކް ނިއު ޖާޒީގައި ކުޅުނު މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު 58 އަށް އިތުރުކޮށްފައެވެ.
މެޗުގެ ކުރީކޮޅު ސެނެގާލްގެ ޓީމުން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އެޓީމުގެ ޖެކްސަން ފޮނުވާލި ބާރު ހަމަލާއެއް ފްރާންސްގެ ކީޕަރު މައިގްނާން ދިފާއުކުރިއެވެ. މީގެ އިތުރުން ސެނެގާލްގެ އިސްމާއިލާ ސާރަށް ލިބުނު ރަނގަޅު ފުރުސަތެއްވެސް ވަނީ ބޭކާރުވެފައެވެ.
ދެވަނަ ހާފު ފެށިގެން ފްރާންސުން ކުޅުން ވަރުގަދަކުރިއެވެ. ފްރާންސްގެ ޑޫއޭ، އޮލީސޭ އަދި އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ސެނެގަލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް، އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ހޯދައިދީ، ކުރިން އޮލިވިއޭ ޖިރޫ ހަދާފައިވާ 57 ލަނޑުގެ ރެކޯޑާ އަރާ ހަމަކޮށް އޭގެ ފަހުން ޖެހި ލަނޑާއެކު އެ ރެކޯޑް މުގުރާލާފައެވެ.
ފްރާންސްގެ ފަރާތުން ފެނުނު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޯލާއެވެ. ސެނެގާލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އެމްބާޔޭއެވެ. މި މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އެމްބާޕޭ މިހާތަނަށް ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރާފައެވެ.




